މިހާރު ސޯސަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އެޕާޓީގެ ގޮފިތައް ތަމްސީލު ކުރުމަށް ވަޑައިގަންނަވާފައިވާ ގިނަ އަދަދެއްގެ މަންދޫބުންނަކީ، ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް ބައިވެރިވެފައިވާ މަންދޫބުންތަކެއް ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސްގެ މިއަދުގެ ސެޝަނެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންގަރެސްގައި ބައިވެރިވުމަށް ގިނަ ގޮފިތަކުން މަންދޫބުން އައިސް ތިއްބެވީ ގަވައިދާއި ޚިލާފަށްކަމަށް ސާފުވާކަމަށެވެ. އަދި އެވާހަކަ މީގެ ކުރިންވެސް ފާހަގަކުރައްވާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"މި ތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން، މި ތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ގޮފިތައް ރަށްތަކުގައި އޮންނައިރު ގޮފީގެ ރައީސް ހުންނަވަނީ މާލޭގައި ކަމަށާއި ނަމަވެސް ދާއިރާ ތަމްސީލުކުރަން ޖެހޭނީ ދާއިރާގެ މަންދޫބެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ދެބަސްވާންޖެހޭ ކަމެއްވެސް ނޫންކަމަށާއި އެހެންކަމުން ކޮންގްރެސްގައި ގޮފިތަކުން ބައިވެރިވާ އުސޫލަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ.

އޭގެފަހުން ކޮންގްރެސްގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވެސް ވަނީ ގޮފިތަކުގެ ސައްހަކަމާ މެދު ރައީސް ނަޝީދު ސުވާލު އުފެއްދެވީތީ އެކަމަށް ރައްދު ދެއްވާފަ އެވެ.