ބަރުލަމާނީ ނިޒާމެއްގައި ނޫން ގޮތަކަށް ރާއްޖޭގައި ވެރިކަން ކޮށްގެން ލިބޭނީ ބޮނޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މަރަދޫ އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު އަނެއްކާވެސް ވަނީ ރޭގެ ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮޑިއެއް. އެކަމަކު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއްގައި، ޕާލިމަންޓްރީ ނޫން ނިޒާމެއްގައި ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. ތިބޭފުޅުން އަޅުގަނޑުދެކެ ރުޅި އަންނާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. ދެން އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބު ވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިޚާބަށް ވުރެ އިސްކަންދޭންވީ ނިޒާމީ އިންތިޚާބަށް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ނަޝީދު ވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދަން ނަޝީދު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާއިރު އެ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އެ ޕާޓީން އިއުލާންކޮށްފައެއް ނުވެ އެވެ.