އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމުން ބުނީ އެ ކޯލިޝަނުން ނ. އަތޮޅަށް ކުރާ ދަތުރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައި ކަމަށެވެ. އަދި ދަތުރުގައި އެ އަތޮޅުގެ ރަށްރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ސިޔާސީ އެކި ހަރަކާތްތައް ހިންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން އައްޑުއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޕީޕީއެމްއިން ބުނީ އެ ދަތުރުތަކާއި ބެހޭ ތަފްސީލު އަދި ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ހއ. ގެ ފަސް ރަށަކަށް ވަޑައިގެން އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އަތޮޅު ތެރޭގެ އެކި ރަށްތަކަށް ވަޑައިގެން ރައީސް ކަމުގެ ކެމްޕެއިން ޔާމީން ފެއްޓެވިއިރު މި ދަތުރުފުޅުގެ ތެރެއިން އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ވެސް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ.