ރާއްޖޭގެ ދެކުނުން އޮންނަ އޮތް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ މޮރިޝަސްއާ ގުޅޭ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ހޫނު ބަހުސްގެ ތެރެއިން، ރައީސް ނަޝީދު، ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"މިހާރު މި ވާގޮތުން، ބައުންޑްރީ ކޮމިޝަންއިން އިކުއިޑިސްޓެންސްކޮށް ބައުންޑްރީ ކަނޑައެޅުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މެސެޖުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 12 މާޗު 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރެވުނު ކަމަށާއި އޭގައި ވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން ކަމަށެވެ. ނަމަވެސް، 2020 ވަނަ އަހަރާ ހަމައަށް ވެސް އެ ކޮމިއުނިކޭ ތަންފީޒު ނުކުރުމުން މޮރިޝަސްއިން ކޯޓަށް ދިޔައީ ކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އިޝާރާތް ކުރެއްވީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު 2011 ވަނަ އަހަރު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އުސްއަލިތަކަށެވެ.

ފޯޅަވައްސާއި ގުޅޭގޮތުން މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސަރުކާރުން މިއަދު ބުނެފައި ވަނީ، ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުން ނިންމާފައިވާ ނިންމުމަށް އދ.ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިންކަނޑައެޅުމާ ގުޅޭ ގޮތުން ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެފައިނުވާ ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

ސަރުކާރުން މީގެ ކުރިން ޗާގޯސްއާއި ގުޅިގެން ގެންގުޅެމުންއައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަށް ވޯޓުދޭން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލަމުންނެވެ.