އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މިއީ ޕީޕީއެމް/ ޕީއެންސީއިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށްދާނެ އެވެ. މިގޮތުން، މި އިންތިހާބުގައި މާލޭގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލުން ކުރިޔަށް ގެންދަނީ ހެންވޭރު ދަނޑުގަ އެވެ.

ހުޅުމާލެ އަދި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާތަކާއި، ރަށްރަށުގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގަ އެވެ.

ވިލިމާލޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ ޔޫތު ސެންޓަރު އަދި ހުޅުމާލޭ ވޯޓު ފޮށި ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައި ކަމަށް އެޕާޓީން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ އިދިކޮޅު ޕީޕީއެމުން ދާއިރާތަކަށް ގޮފިތަކެއް ކަނޑައެޅުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭގެ ކުރިން އިދިކޮޅު ޕީޕީއެމްގައި އޮންނަނީ ކައުންސިލެކެވެ. ކައުންސިލް މެންބަރުން އައްޔަން ކުރަނީ ދާއިރާތަކަށް ބަހައިގެންނެއް ނޫނެވެ. އެހެންވެ، މި އިންތިހާބަށް ފަހުގައި ފުރަތަމަ ފަހަރަށް ޕީޕީއެމްގައި ދާއިރާ ރައީސުން ތިބޭނެ އެވެ.