އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވަނީ ރައްޔިތުން ބަލައިގަންނަ މީހުންނާއެކު ކަމަށާއި މިހާރު އެމްޑީޕީގައި ތިބި ބައެއް މަޖިލިސް މެންބަރުންނަކީ ރައްޔިތުން ބަލައިގަންނަ މެންބަރުންނަށް ނުވާތީ އެ މެންބަރުންނާއެކު މަސައްކަތް ކުރެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން މިއަދު ކުރިއަށްދިޔަ "އާކްސް ސްޕީކާ" ޕްރޮގުރާމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން، ސަރުކާރަށް ތާއިދުކުރާ މެންބަރުން ގެންދަވަނީ ފާޅުކަންބޮޑު ގޮތެއްގައި ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން މިއަދު ރައީސް ނަޝީދަށް އަމާޒުކުރެއްވި ސުވާލަކީ އެފަދަ މެންބަރުންނާއެކު އިތުރަށް މަސައްކަތް ކުރައްވާނަންތޯ އެވެ.
މިސުވާލާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކުރިން އެ މެންބަރުން ގޮވައިގެން ކެމްޕެއިން ކުރެއްވީ އެއީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ވާތީ ކަމަށާއި، ނަމަވެސް މިހާރު އެކަން އޮތީ އެހެން ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ފާޑުވިދާޅުވާ މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނަ ބައެއް ނޫންކަމަށް އެމަނިކުފާނު ނުސީދާކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި އެބޭފުޅުން ގޮވައިގެން އަޅުގަނޑަށް ރައްޔިތުން ގާތަށް ދިއުމުގެ ފުރުސަތު މިހާރު މިއޮތީ ގެއްލިފަ، އެއީ ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށް ވެފައި ތިބީމަ އަޅުގަނޑަށް އެބޭފުޅުން ގޮވައިގެން މި ދެވެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ބައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކި ހިސާބަކުން އެބޭފުޅުންގެ ހިޔާލު ބަދަލުވާގޮތްވެސް ދިމާވާކަމަށާއި، ހިޔާލުބަދަލުވުމަށްފަހު ނަފުރަތުގެ ނަޒަރަކުން ވާހަކަދައްކާތަންވެސް އަންނަ ކަމަށެވެ.
ސަރުކާރުން ރައީސް ނަޝީދު ދެކެ އަންނަ ރުޅި ބައެއް ފަހަރު މަޖިލިސް އިދާރާގެ މުވައްޒަފުންނަށް އަމާޒުވާ ފަހަރު ވެސް އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިދާރީ މުވައްޒަފުން އަބަދުވެސް މަސައްކަތް ކުރައްވާނީ ގަވާއިދާ އެއްގޮތަށް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މުވައްޒަފުންނާ ހަރުކަށިކޮށް ވާހަކަދެއްކުމަކީ ހިތާމައެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ބައެއް ފަހަރު ބައެއް މެންބަރުން ތަންކޮޅެއް ހަރުކަށި އިބާރާތްތަކުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ މުއާމަލާތް ކުރައްވާ.. އަޅުގަނޑުގެ އިލްތިމާސްއަކީ ރުޅި ދުރުވާ ކޮންމެ ފަހަރަކު އަބަދު މީހުންނަށް އެއްޗިސް ކިޔުން އެއީކީއެއް ރަނގަޅު ސިފައެއް ނޫނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިޕްރޮގުރާމްގައި އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަކުން ނާކާމިޔާބެއް އެމަނިކުފާނަށް ކުރިމަތިވެދާނެ ގޮތަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަދި ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި ކުރިމަތި ލައްވާ ކޮންމެ ކަމަކާވެސް ކުރިމަތި ލައްވަނީ ކާމިޔާބު ކުރުމަށް ކަމަށާއި ކާމިޔާބު ކުރުމުގެ އުއްމީދާ ވެސް އެކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑު ވާދަކޮށްފައިވާ އިންތިހާބެއްގައި އެގޮތަށް އެހެން ބަލިވެފައެއް ނެތް. ތި ވިދާޅުވާހެން ކޮންމެވެސް ފަހަރަކު ބަލިނުވާނެއެކޭ ނޫން. އެކަމަކު އަޅުގަނޑަށް ފެންނަ ތަނުގައި އަދި ރާއްޖޭގެ ސިޔާސީ މަޝްރަހެއް ބަދަލުވެގެންނެއް ނުދޭ އިންތިހާބުތަކުން އަޅުގަނޑަށް އެހާ ބޮޑު ނާކާމިޔާބެއް ކުރިމަތިވެދާނެ ގޮތަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވެފަ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަކަށް މިއަދުގެ ޕްރޮގްރާމުގައި ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ ޕްރައިމަރީ ބޭއްވުން މިހާރު ރަނގަޅީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. ޕްރައިމަރީގެ ކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.