ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބާއްވާ "ވިޔަވަތި" ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުން އަންނަ މަހު ހދ.ހަނިމާދޫ އާއި ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ވިއަވަތި މަހާސިންތާ ބާއްވާނީ އަންނަ މަހުގެ 12 އިން 14 އަށް ކަމަށެވެ. މިއީ އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށް މިއުވާން ވިދާޅުވި އެވެ.

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހާއްސަކޮށްގެން ވިއަވަތި ރާއްޖޭގެ ފުރަތަމަ ކޮންފަރެންސް މިދިޔަ އަހަރުގެ މެއި މަހު ބޭއްވީ އއ. އުކުޅަހުގަ އެވެ. ދެވަނަ ކޮންފަރެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވީ ލ. އަތޮޅު ގަމުގަ އެވެ.

ވިއަވަތި ކޮންފަރެންސްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ފެށި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.