ރިޔާސީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި، އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވުމަށް އިލެކްޝަން ކޮމިޝަނުން ހަނދާންކޮށްދީފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ކޮންމެ ކެންޑިޑޭޓަކު ވެސް ބޭނުންކުރަންވާނީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓް ކަމަށެވެ. ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާ މި އެކައުންޓަކީ އެ ކެންޑިޑޭޓެއްގެ އަމިއްލަ ނަމުގައި ހުޅުވާ އެކައުންޓަކަށް ވެސް ހަބީބު ވިދާޅުވި އެވެ. އިންތިހާބުގެ ތެރެއިން ލިބޭ އަދި އިންތިހާބާ ގުޅުންހުރި ފައިސާގެ އެހީ ވެސް ޖަމާވާނީ އެ ކެންޑިޑޭޓަކު އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓަށް ކަމުގައިވެސް ހަބީބު ހަނދާންކޮށްދެއްވާފައިވެ އެވެ.
ހަބީބު ވިދާޅުވީ ރާއްޖޭގެ ބޭންކްތަކާ ވާހަކަ ދައްކައިގެން ކެންޑިޑޭޓުންނަށް އެކައުންޓް ހުޅުވުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ އެކީގައި ވެސް މަޝްވަރާ ކުރައްވާފައި. އަދި ބޭންކްތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައި،" ހަބީބު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާރުވެސް ސިޔާސީ ޕާޓީތަކުން އަންނަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައިގެން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ވެސް މާލޭ އާއި އަތޮޅުތެރޭގައި ވަނީ ފަށާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެމްޕޭންވެސް މާލޭގައި އަންނަނީ ފޯރީގައި ކުރިއަށެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްވެސް އަންނަނީ ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.