ރާއްޖޭގެ ވެރިކަން ކުރާ ނިޒާމާ ގުޅޭ ގޮތުން ވަކި ގޮތެއް އެމްޑީޕީން ނިންމާނީ މިއަދު ކުރިއަށްދާ އިންތިހާބަށް ފަހު ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ހުރިހާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު އެމަނިކުފާނު ގެންގުޅުއްވި ސްޓޭންޑު ބަދަލުނުވާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއިން އެކަމާ މެދުގައި ގޮތެއް ނިންމާނީ މިއަދު ކުރިއަށްދާ އިންތިހާބަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯޓުލާން ނިކުންނަ މީހުންދެ އިންސައްތައަށް ކަމަށެވެ. މިހާތަނަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ރައީސް ސޯލިހު ކަރުދާސްކޮޅު ވައްޓާލަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"ވޯޓުލާ ޕަސެންޓޭޖް 87 އަށް އެރުވުމަކީ އެންމެ ބޮޑު އުންމީދު. 86 ޕަސެންޓް މީހުން ވޯޓުލީ ނަމަވެސް އިންތިހާބު ކާމިޔާބު ވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ... ފޮޓޯ: ހުރިހާ

ރައީސް ވިދާޅުވީ އެމްޑީޕީއަށް އެކި ތުހުމަތު ސޯޝަލް މީޑިއާގައި ކުރަމުންދިޔަ ނަމަވެސް ގާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އިންތިހާބާއި ގުޅުންހުރި އެންމެހާ ކަންކަން އެމްޑީޕީން ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިންކަމަށް ރައީސް ވިދާޅުވި އެވެ.