ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މިމައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުން ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައިވާ ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ގަބޫލުކުރައްވާގޮތުގައި މި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރެ އެވެ. އެގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެމްބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާކަން އެމެންބަރުން ފާހަގަކުރެއްވި އެވެ.
ނަމަވެސް މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސްކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ.
މަޖިލީހުގެ ނައިބް ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވާ ކަމަށް މަޖިލީހުގެ އަމީން އާންމު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތްރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.