ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަންނަވާތީ ދެން ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ޖަލްސާ ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިޓީއަކުން ދެންނެވި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަން އެ ދުވަހު މަޖިލީހުގެ އިދާރާއިން ސިޓީއަކުން ޖަވާބު ދެއްވާފައިވާނެ ކަމަށްވެސް އެއިދާއިރިން ބުންޏެވެ.

އީވާ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ވަނީ ސަލާމް ފޮނުއްވާފަ ކަމަށާއި ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ނައިބު ރައީސް މިއަދު ސިޓީއަކުން ދަންނަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުވެރިވެވަޑައިގަންނަވާކަން އީވާ ހާމަކުރެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައެއް ނުވެ އެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފަ އެވެ. އެމައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ 10:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.