ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވާން ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެކޯޓަށް ބަލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެމައްސަލައަށް ތަދައްހުލް ވުމަށް ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ހުށަހަޅަފަ އެވެ. އެހެން ނަމަވެސް މޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ވަނީ ނިންމާފަ އެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ވަކިވަކި މެމްބަރުންގެ ބަދަލުގައި އެޕާޓީ މައްސަލައަށް ތަދައްހުލް ވުމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް ޕީއެންސީ އިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން މިއަދު ވަނީ ބަލައިގެންފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:00 ތާވަލުކޮށް، އެ އަޑެހުމަށް މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.

މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.