ރައްޔިތުނަށް ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ވެސް ރައްޔިތުންނަށް ފުއްދަވާނެ ވައުދުތަކެއް ކަމަށާއި ރައްޔިތުންނާއި ފިއްލަވައިގެން ނޫޅުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރާނެ ކަންކަން ހިމެނޭ ޕްލޭން އިފްތިތާހް ކޮށްދެއްވުމަށް ފަހު އިންތިހާބީ ރައީސް ވިދާޅުވީ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރާނެ ކަންކަން ހިމަނާ ނެރެފައިވާ ޕްލޭންގެ އިތުރުން ވެސް ގިނަ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށެވެ.

އެ މަނިކުފާނު އެކި ޕޯޑިއަމްތަކުގަ އާއި، މެނިފެސްޓޯގައި ހިމެނުއްވި ކޮންމެ ކަމެއް ވެސް، އެއީ އެންމެ ފުރިހަމައަށް ކުރައްވާނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަން ކަމަށާއި ވައުދުތައް ފުއްދާ މިންވަރު ބަލަން ރައްޔިތުންނަށް ފަސޭހަކޮށްދެއްވަން ކަމަށެވެ. އެގޮތަށް ފޮތެއް ނެރުމަކީ ގޯސް ކަމެއް ކަމަށް ބައެއް ބޭފުޅުން ދެންނެވި ކަމަށް، ސަމާސާ ރާގެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތީ ވަރަށް ގޯސްކަމެކޭ ތިކުރީ. ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތިފޮތް ނެރެގެން ނޯންނާނެއޭ ފިލޭނެ އެއްގޮތް ވެސް. އަޅުގަނޑު ދެންނެވިން ދެއްތޯ ކެމްޕޭންގައި އަޅުގަނޑު ރައްޔިތުން ގާތަށް އައީ ކެމްޕޭންކޮށް ނިންމައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމަ ފިލަކަށް ނޫނޭ. ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމްލައެއް އަޅުގަނޑުމެން އެންމެން އިރާދަ ކުރެއްވިއްޔާ މިތާގަ މިއޮތް ޓީމު ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލް ކޮށްދޭނެ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތީ ވަރަށް ގޯސްކަމެކޭ ތިކުރީ. ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތިފޮތް ނެރެގެން ނޯންނާނެއޭ ފިލޭނެ އެއްގޮތް ވެސް. އަޅުގަނޑު ދެންނެވިން ދެއްތޯ ކެމްޕޭންގައި އަޅުގަނޑު ރައްޔިތުން ގާތަށް އައީ ކެމްޕޭންކޮށް ނިންމައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމަ ފިލަކަށް ނޫނޭ. ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމްލައެއް އަޅުގަނޑުމެން އެންމެން އިރާދަ ކުރެއްވިއްޔާ މިތާގަ މިއޮތް ޓީމު ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލް ކޮށްދޭނެ،
ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވީ ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ވެސް ރައްޔިތުންނަށް ފުއްދަވާނެ ވައުދުތަކެއް ކަމަށެވެ. ފޮތެއްގެ ސިފައިގައި ރައްޔިތުންނާއި ހަމައަށް މިކަން ގެނެސްދެއްވީ ވެސް އެޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ވާނީ އެއްވެސް ކަމެއް ނުފޮރުވާ ސަރުކާރަކަށް. ފޮރުވުމުގެ ބޭނުމެއްވެސް ނެތް، ކޮން ކަމެއްތޯ ފޮރުވަން އޮތީ؟،" މުއިއްޒު ވިދާޅުވި އެވެ.

ޖުމުލަ 900 ސޮފުހާ ހިމެނޭ ފޮތުގައި މުއިއްޒުގެ ވާހަކަފުޅުތަކުގެ އިތުރުން އެ މަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި އެ ރަށާއި އަތޮޅާއި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ވަނީ ހިމަނައިފަ އެވެ. މުއިއްޒު އެކި ކަންކަމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ފޮތުގައިވެ އެވެ.