އަންނަ މާޗް 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި 70،000 ވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ އެ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 10 އަކުން ހަވީރު 5 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދާނީ މާލޭގައިނަމަ، ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ހާއްސަ ތަނެއްގައި ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ، ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއް ކައިރީގައި ވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފަ އެވެ.

ޕީޕީއެމް/ ޕީއެންސީ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށައެޅުއްވި 13 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ. އެއީ އެންމެ ބޭފުޅަކު އެ ދާއިރާތަކަށް ފޯމު ހުށައެޅުއްވުމުންނެވެ. 73 ދާއިރާއަކުން ޕްރައިމަރީ ބާއްވާއިރު މިދާއިރާތަކުން 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

މިފަހަރުގެ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.