ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށާއި ބައެއް ޕާޓީތަކުން މިހާރު ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފައިވާއިރު ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގައެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވި އިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ވިސްނުމަކީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމެވެ.

މިކަމާ ގުޅިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ރީތި ގޮތަކީ އަދި ހަމައަކީ ވެސް ރައީސް އެކުލަވާ ލައްވާ ކެބިނެޓަކަށް ރުހުން ދިނުން ކަމަށެވެ. އަދި އެކަން ނުކުރާން ބަހަނާ ނުދެއްކުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން. މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް އެ ދުވަހު ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުން ހިމެނޭއިރު ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާއިރު އެ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.