ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ހުރަސްއަޅައި، އެސްއޯ ފުލުހުން ރޭ އަމަލުކުރި ގޮތުގެ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ރޭގައި ޣިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާ ގުޅިގެން، ރައީސް އެދިވަޑައިގެންފައިވާ ތަހްގީގު ރިޕޯޓް އެމަނިކުފާނަށް މިހާރު ވަނީ ލިބިވަޑައިގެންފައި ކަމަށެވެ. އަދި މި ރިޕޯޓް ދިރާސާކުރައްވައި، އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން ނިންމަވާލެއްވުމަށްފަހު ދައުވަތު ދިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެސްއޯ ފުލުހުން އެފަދަ ތަންތަނަށް ނުނެރެން ވަރަށް ސާފުކޮށް ކުރިން އަންގަވާފައިވާނެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އެ ވާހަކަ ކުރިން ދަންނަވައި އަދި ފުލުހުންނާ އެކު ވަރަށް ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވެސް އެ އިންސްޓްރަކްޝަން ދެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކަމާ ހެދި ހަގީގަތުގައި ވެސް މި ހުރީ ކަންބޮޑުވެފައި، ރޭގައި އަޅުގަނޑަށް ނުވެސް ނިދުނު. އަދި މިހުރީ ނުނިދާ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓް ލިބި، މި ކަމުގެ އަޑިއަށް ދެވި، މިކަން ހައްލު ވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެންނެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް ރޭ ގިޔާސުއްދީން ސްކޫލަށް ފުލުހުން ފޮނުވީ ސީދާ ރައީސް އަންގަވައިގެން ކަމަށް ޕީއެންއެފްގެ އިސް ވެރިން ބުނެ އެވެ.

ޕީއެންއެފްގެ ވަގުތީ ސެނެޓް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ޕީއެންއެފް ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުރަސް އެޅުމަށްފަހު އެކަން ދިފާއު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބުހުތާނު ދޮގުތަކެއް ހައްދަވަމުން ކަމަށެވެ.

ފުލުހުން ޖަލްސާއަށް ހުރަސްއެޅީ އެމަނިކުފާނުގެ އަމުރާ ކަނޑައެޅިގެން ހިލާފަށް ކަމަށް ރައީސް ވިދާޅުވުމުން، ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ރައީސް މުއިއްޒު ބުހުތާނު ދޮގުތަކެއް ހައްދަވަމުންދާ ކަމަށާއި ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށެވެ.