ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންގެ ހިޔާލު ބަދަލުކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ގެންގުޅުއްވާ އުކުޅުތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްވި ރައްދަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބިއްޖެއެވެ.

ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލައްބާރަށް ރައްދު ދެއްވަމުން ވިދާޅުވީ، ދިވެހިރާއްޖެއަކީ އެތައް ގަރުނެއް ކުރީއްސުރެ އިސްލާމީ ގައުމެއް ކަމަށާއި، ދިވެހިންގެ ދީނާއި، ސިޔާދަތު އަދި ގައުމީ ޝަހުސިއްޔަތަކީ ފައިސާއަށް ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސާގެ ނުފޫޒު ފޯރުވިދާނެ ކަމަށް އަލައްބާރަށް ހީވެވަޑައިގެންނެވި ނަމަވެސް، ސަރުކާރުން އެދޭ ކަންކަމަށް ދިވެހި ރައްޔިތުންގެ ރުހުން އޮތް ކަމަށް ނުދެކެވޭނެ ކަމަށް ޖަމީލު ފާހަގަކުރެއްވި އެވެ. އަދި ބޭރުގެ އަމިއްލަ މަސްލަހަތުތަކަށްޓަކައި ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، ގައުމީ ސަލާމަތް އަދި ސިޔާދަތު ގުރުބާންކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

މީގެއިތުރުން، ދިވެހިންގެ ހިތްތަކުގައި ޔޫއޭއީއާއި، އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ބޮޑު ހުރުމަތެއް އޮންނަ ކަމަށާއި، ނަމަވެސް އެ ހުރުމަތަކީ ދެފަރާތުގެ މެދުގައި އޮންނަންޖެހޭ އެއްޗެއް ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި ގައުމުގެ ދިފާއުގައި ދިވެހިން ސާބިތުވެ ތިބޭނެ މިންވަރު ކުޑަކޮށް ނަމަވެސް ވަޒަންކުރުމަށްވެ ޖަމީލު ވަނީ އަލައްބާރަށް ގޮވާލައްވާފަ އެވެ.

ޖަމީލްގެ މި ޕޯސްޓަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ސަމާލުކަން ލިބިފަ އެވެ. އެގޮތުން ބޭރުގެ ބައެއް ނޫސްތަކުން ވެސް ވަނީ ޖަމީލްގެ އެ ވާހަކަފުޅު ކަވަރުކޮށްފަ އެވެ.