ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް އެކޯލިޝަންގެ މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާލުވެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައިފި ނަމުގައި ލިޔެފައިވާ ހަބަރެއްގެ ފޮޓޯ ހިއްސާ ކުރައްވަމުން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ލީޑަޝިޕް ފުނޑާލުމަށް ދުރާއި ގާތުން ރޭވުންތެރިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށާއި އެ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ. އެކަން ހާސިލް ނުވާނެ ކަމަށާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކޯލިޝަން ރޫޅާނުލެވޭނެ ކަމަށާއި މިތިބީ ރައީސް ޔާމީނާއެކު ބަދަހިކަމާއެކު ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަވަމުންނެވެ. އެގޮތުން މާލެ ސިޓީގައި ބޮސުންލާފައިވާ ކަންތައްތައް ހަމަ މަގަށް އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަވަމުން އަންނައިރު މާލެގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމަށް މިދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމާއި ގުޅީފަޅުގައި ޕޯޓް ތަރައްގީ ނުކުރެއްވުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފަ އެވެ.

މިކަމާ ގުޅިގެން އޮންލައިން މީޑިއާއަކުން ވަނީ މުއިއްޒުގެ އަމާޒު ހުރީ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަކަށް ކަމަށް ބުނަމުންނެވެ. އަދި "މުއިއްޒު 2023" ޖަހާފައިވާ ޕޯސްޓަރުތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި މޭޔަރު ކުރެއްވި ޓުވީޓްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ފެށި ވާހަކައަކީ ދޮގެއް ކަމަށެވެ.

އޭނާއާ ބެހޭގޮތުން އެފަދަ ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް މާލޭގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނަށް އަރުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއު ހިންގާފައި ވަނީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅާލުމަށް އެޅި ބްރިޖްގެ މަޝްރޫ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެމަނިކުފާނު މިވަގުތު ގޭ ބަންދަށް ވަނީ ބަދަލުކޮށްފަ އެވެ. އެމަނިކުފާނު ވަގުތީ ގޮތުން ގެޔަށް ބަދަލުކުރެވުނީ ކ. މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔުމާއެކު މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެވެ.

އެ ކުށުގައި އެ މަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ. ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި ނަމަވެސް، އެ ކޯޓުންވެ ސް ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރިމް ކޯޓުގައި ވެސް އިސްތިއުނާފް ކުރައްވާފަ އެވެ.