މާލެ ސިޓީއަށް އަންނަ ކޮންމެ ކުރިއެރުމަކާއި މާލެ ރައްޔިތުންނަށް ލިބޭ ކޮންމެ ފައިދާ އެއްގައި މޭޔަރު މުއިއްޒަށް އެއްބާރުލުން ދޭނެ ކަމަށް މާލެ ސިޓީގެ އެމްޑީޕީ ކައުންސިލަރުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން ނެއްޓި ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުން މަގާމާ ހަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައި ވެސް އަމަލުކޮށްފައި ވާނީ އެފަދައިން ކަަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރު ކަމާއެކު ފާރަވެރިވަމުން ދާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާ ނުހިނގާ ގޮތާއި ގުޅޭގޮތުން މައުލޫމާތު އަރުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީ ކައުންސިލަރުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުގެ އެކި މައްސަކަތްތައް އެކިތަންތަނުގައި ހިންގަން ޖެހުމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އިންސާނީ ވަސީލަތް ނެތުމާއި ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ނެތުމަކީ މާލެ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް އެބަޔާނުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކައުންސިލްގެ ހިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައް މިތަނުގައި ކަމަށާއި އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ދެވޭނެ ގޮތް ހަމަޖެހެން ޖެހޭ ކަމަށް އެ މެންބަރުން ބުނެ އެވެ.

މީގެ އިތުރުން ވެސް އާބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސާވެޔަރުންނާއި، އައިޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުން ވެސް ހަމަޖެހޭން ޖެހޭ ކަމަށާއި އެކަންކަން ހަމަޖެއްސުމަށްޓަކައި މާލޭގެ މޭޔަރާ އެކު މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ކައުންސިލަރުން ބުނެއެވެ. އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރާ ކަމަސް ވެސް އެފަރާތުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބު ކުރެވިފައި ވަނީ 6 ގޮނޑި އެވެ.