ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ކުއްލި ހާލަތު އިއުލާނު ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައި އެ ގަރާރު މަދު މެމްބަރުގެ ތާއީދާއެކު ވަނީ ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާލަތަކީ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. މި ވަގުތުގައި، ގައުމުގެ ހާލަތު އަނެއްކާ ވެސް އިތުރަށް ގޯސްވެގެންދާނެ ގޮތަކަށް ޖާގަދެވިގެން ނުވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭފަދަ ހާލަތެއް އޮތްކަމަށް ނުދެކޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭފަދަ ހާލަތެއް އޮތްކަމަށް ނުދެކެން. މިވަގުތަކީ ގާނޫނު އަސާސީ ނަގަހައްޓައި، ގާނޫނުތައް ހިންގައި ގާއުމީ މަސްލަހަތު އިސްކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ދެކެން،" ޑރ.ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ހަރުކަށި، ފިކުރާއި ޓެރެރިސްޓުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގާނޫނުތަކުން މިހާރު ވެސް ގިނަ ބާރުތަކެއް ދީފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތް ކުރަންޖެހޭ މިހާލަތުގައި ގައުމު އެކީ ބަންދުވެގެންދާނެ އިތުރު ފުރުސަތެއް ދިނުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ގެއްލުމެއްކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ހަރުކަށި ފިކުރުގެ މީހުންނާއިމެދު ޓެރެރިޒަމް ހުއްޓުވުމުގެ ގާނޫނާއި، ފުލުހުންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ. ގާނޫނީ ގޮތުން ފުރުސަތު އޮއްވާ ކުއްލި ހާލަތު އިއުލާންކޮށް ގައުމުގެ އިގްތިސާދު ހަލާކުވެ ރައްޔިތުން ބިރުވެރި ހާލަތުގެ ތެރެއަށް ވެއްޓުމުގެ ދޮރު ހުޅުވާކަށް ނުޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ރޭ ފާސްކޮށްފި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވާ ގަރާރު ބުނެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ އެމްޑީޕީން ދެކޭގޮތް ކަމަށް ފާސްކުރަން ޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ގަރާރުގައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 147 މެމްބަރުން ތިއްބަވާއިރު، އެ ގަރާރަށް ވޯޓު ދެއްވީ 39 މެމްބަރުންނެވެ.