ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގައިދިޔަ ގޮތް ރަނގަޅަށް އެގިވަޑައިގެން ހުންނަވައިގެން ވެސް ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބުދުލް ގައްޔޫމަށް ހައްގުބަސް ބުނަށް ނުކެރުނީތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސް މައުމޫނު ރާއްޖޭ ޓީވީގައި ދެއްކި ވާހަކައާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންއަކީ ވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫން ދެއްކި ވާހަކައަށް ރައްދު ދެއްވާ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ ގާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދޭ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ދެމުންދާ އަނިޔާތަކީ ނާއިންސާފު އަނިޔާތަކެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ހައްގުބަސް ވިދާޅުވާން ރައީސް ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން. ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫންކަން، ގާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފު. މި ވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ.