ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސަރުކާރުގެ ކޯލިޝަނުގެ ނުފޫޒުން އިއްވި ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކޮށްފައި އޮއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމައެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިޔަސް މިނިވަން ވުން ކަމަށެވެ.

ރައީސް މައުމޫން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ހާލަތަށް ވެއްޓުނީ މި ކޯލިޝަން ސަރުކާރުގެ އިހުމާލުން ކަމަށެވެ. މިހާލަތުން މިގައުމު އެހެން ހާލަތަކަށް ގެންދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ އެއްވެސް ގޮތެއް ދިވެހީން ބަލައިނުގަންނާނެކަމަށެވެ.

ރައީސް މައުމޫންގެ އެމްއާރުއެމްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިއްތިހާދުގެ ބައިވެރިއެކެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.