ދޮގު ހެކިބަސް ދިނުމުގެ ކުށުގެ ތުހުމަތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒުގެ މައްޗަށް އުފުލާފައިވާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ދިހަ ދުވަސް ދީފި އެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުގެ ފަރާތުން މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވޭތޯ ގާޒީ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް އެއީ ލިބެންޖެހޭ ހުރިހާ ލިޔުންތައް ލިބުނުކަން އެނގިވަޑައިގަންނަވާނީ ވަކީލެއް އައްޔަންކުރައްވައިގެން ބެއްލެވުމުން ކަމަށެވެ.

މިމައްސަލާގައި އިތުރަށް ކުރިއަށްދާ ބޭނުންވަނީ ވަކީލަކާއެކު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އެފަދައިން ވިދާޅުވުމުން ވަކީލަކާއެކު ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް މިއަދު އަޑުއެހުން އަލުން ތާވަލުކުރުމަށް ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ގާޒީ ސުވާލުކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މިއަދު ޝަރީއަތުގެ އަޑުއެހުން ނިންމާލީ ޑރ.މުއިއްޒަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދިނުމަށް ފަހު އެވެ.

މިމައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ.