މާލޭ ސިޓީގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މި ބައްދަލުވުންތައް ބޭއްވުން ލަސްވީ ސަރުކާރު ބަންދުވުމާއި ބޮޑު ޗުއްޓީއެއް އައުމުން ކަމަށެވެ.

ކޮންމެ އަވަށެއް ވަކި ބައްދަލުވުން ބޭއްވުމަށް ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް ބައްދަލުވުންތަކުގައި ބައިވެރިވެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ސިޓީ ކައުންސިލުން މިރޭ ބައްދަލުކުރަން ނިންމާފައިވަނީ ގަލޮޅުގެ ރައްޔިތުންނާ އެވެ. މާލޭގެ ބާ އިންޖީނުގެ ކުރިން ހިންގި ތަނުގައި ހަދާފައިވާ ޕާކު ސަރަހައްދުގައި މިބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 8:30 ގައެވެ.

މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ތާރީހާއި ތަނުގެ މައުލޫމާތު:

  1. ވިލިމާލެ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 8 - ވިލިމާލެ ބޯޅަ ދަނޑުގައި
  2. މައްޗަށް ގޯޅި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 10 - މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި
  3. މާފަންނު ބައއްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 12 - ރަސްފަންނު ސަރަހައްދުގައި
  4. ހެންވޭރު ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް 14 –- ލޮނުޒިޔާރަތް ޕާކުގައި

ޑރ. މުއިއްޒު ވިދާޅުވީ މި ބައްދަލުވުންތަކުގައި މިހާރު ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލާއި ވިސްނުން ހުރި ގޮތެއް ބަލަމުންދާނެ ކަމަށެވެ. އަދި ޚާއްޞަ އިސްކަމެއް ދީގެން މާލޭގެ ޓްރެފިކާއި ތިމާވެއްޓާއި ގެދޮރާއި ބިން ބޭނުންކުރުމުގެ މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.