ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް އަމަލުކުރާނެ ގޮތެއް ނޭންގެނީސް ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނުރުހެވޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު އާއިލާއިން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުގައި ހުރި ރެކޮމެންޑޭޝަންސްއަށް އަމަލުކުރުމަށް ރޭވިފައިވާ ގޮތް އެނގުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

"އިންކުއަރީގެ ރިކޮމެންޑޭޝަންސްއަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުނީމަ ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެކަމެއް ނޫން. ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން މިޖެހުނީ،" ހަސަން ވިދާޅުވި އެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 46 ރެކަމެންޑޭޝަނެއް ހުށަހަޅާފަ އެވެ.

މިހަމަލާއާއި ގުޅިގެން ހަތަރު މީހަކުގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ފޮނުއްވާފަ އެވެ.