އެމްޑީޕީން ކަންކަމުގައި ދެކޭގޮތާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވީ އެ މަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ސަރުކާރުން އިސްލާހުނުކުރައްވާ ހިނދަކު ރައީސް ނަޝީދު މިވަގުތު މާލެ ވަޑައިގެންނެވުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް ނަޝީދުގެ ޓުވީޓްގައި އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. ހަމައެފަދައިން އެމްޑީޕީން ދެކޭ ގޮތާމެދު ސަރުކާރުން ވެސް ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ވެސް އެމްޑީޕީ ދެކޭގޮތާ ގުޅޭ ގޮތުން ވިސްނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މެއި ހައެއްގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު މާލެ އައުމަށް ނިންމާފައިވާ ކަމަށާއި އެމަނިކުފާނު އަވަހާރަކޮށްލުމަށް އަދިވެސް ރާވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މެއި ހައެއްގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ހަމަލާއަށް ފަހު ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާކަން ފާޅުގައި ވިދާޅުވަމުންނެވެ. އަދި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިސަރުކާރުން އެކަމަށް އެދެވޭ ފިޔަވަޅު އަޅަމުން އަންނަ ތަނެއް ނުފެނެ އެވެ.