އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިންސާފު ގާއިމްކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ރައީސް ސޯލިހުގެ ހަމައެކަނި މަސައްކަތަކީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ފްރޭމްކޮށް އަދަބު ދިނުން ކަމަށެވެ. އަދި މިސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަ ބެލިފައި ނެތްކަން ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ އާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ޔޫތު މިނިސްޓަރު މަހުލޫފްގެ މައްސަލަ އަށް ރައީސް ސޯލިހްގެ ސީދާ ނުފޫޒް އެބައޮތް ކަމަށެވެ.

ރައީސް ސޯލިހް ނުފޫޒު ފޯރުވާ މައްސަލަތަކުގެ ލިސްޓް ވަރަށް ދިގު ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟ ވެންޓިލޭޓަރާއި މަޙްލޫފްގެ މައްސަލައަށް މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް. އެ ލިސްޓް ވަރަށް ދިގު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވި އެންމެނަށް ދައުވާ ކުރާނެ ކަމަށް މިސަރުކާރުން ވިދާޅުވީ ނަމަވެސް މިހާތަނަށް އައިރު ދައުވާކޮށްފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ. އަދި އެ މައްސަލާގައި ހުކުމެއް ކުރެވިފައިވަނީ ވެސް ރައީސް ޔާމީންގެ މައްޗަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ގިނަ ބަޔަކު މިހާރު ވެސް މިނިވަން ކަމާއެކު އުޅެމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ކޮރަޕްޝަނާއި ދެކޮޅަށް އައި ސަރުކާރުން ތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބައޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިސަރުކާރަށް އިންސާފު ވެސް ގާއިމް ކޮށްދެވިފައިނުވާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑިކިޔުން ވަނީ އަމާޒުވެފަ އެވެ.