އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވިގެންދިޔަ އިންތިހާބު އެނގުނީ ބަރުލަމާނީ ތާއީދު ނެތް ކަމަށާއި ހަމައެކަނި ތާއީދު އޮތީ ރިޔާސީ ނިޒާމަށް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރު ހޯދި ކާމިޔާބީ އާއި ގުޅިގެން މެމްބަރު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިޚާބުން އެނގިގެންދިޔައީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި ނެތްކަން ކަމަށެވެ. އަދި ގައުމުގެ ބޮޑު އަޣުލަބިއްޔަތެއް ރިޔާސީ ނިޒާމަށް ތާއީދުކުރާކަން ހާމަވެއްޖެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ބަރުލަމާނީ ނިޒާމް ގެންނަށް ބޭނުވިޔަސް އެކަމާއި ރައްޔިތުން ދެކޮޅުކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރު ޝަރީފު މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ވަނީ އިއްޔެ ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކާމިޔާބު ކުރީ ބަރުލަމާނީ ނިޒާމަށް ތައީދު ކުރާ މެމްބަރުން ކަމަށެވެ.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދި އެމްޑީޕީއަކުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިހާތަނަށް އެކި މަސްދަރުތަކުން ލިބިފައި ހުރި ނަތީޖާތަކުން ދައްކާ ގޮތުން ގައުމީ މަޖިލީހުގެ ކޮންޓްރޯލް ލިބެނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށެވެ.

ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުން ކާމިޔާބު ކުރި ކަމަށް މީޑިއާގައި ރިޕޯޓް ކުރާތީ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން އަންނަނީ އެފަދަ މީޑިއާތަކަށް ފާޑުކިޔަމުންނެވެ.