ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި މިއީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް އަންގަވާފައިވާ ކަމަށް ބުނާ ހަބަރާއެކު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށައިފި ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން އޮޅުވާލުމެއް ކަމަށް ވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަސްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އެކަން ހޯމް މިނިސްޓަރަށް އަންގަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ 14 އޮކްޓޫބަރު 2021ގައި ހޯމް މިނިސްޓަރ އިމްރާންއަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ގާނޫނު ނަމްބަރު 5/2008 ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާން ކުރާތީއާއި، އެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.