އަންނަ އަހަރަށް ލަފާކޮށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއީ މިހާތަނަށް މަޖިލީހުން ފާސްކުރި އެންމެ ދަރަނި ބޮޑު ބަޖެޓެވެ. ބަޖެޓް މަޖިލީހުން ފާސްކޮށްފައި މިވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބައެއް ބަދަލާއެކު އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު ވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ހަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފަ އެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ހަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92 އިން 36.99 އަށް އިތުރުކުރުމެވެ.

މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 73 މެމްބަރުންގެ ތެރެއިން 63 މެމްބަރުން މި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ނަމަވެސް އިދިކޮޅުގެ މެމްބަރުން ވޯޓު ނުދެއްވަ އެވެ. އިދިކޮޅުން ދިޔައީ މިހާ ދަރަނި ބޮޑު ބަޖެޓެއް ފާސްކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ބަޖެޓް އިތުރުކުރި ކަންކަމުގެ ތެރޭގައި:

  1. ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް: 7 މިލިއަން ރުފިޔާ
  2. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް: 5 ލައްކަ ރުފިޔާ
  3. ސިވިލް ސާވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް: 1.69 މިލިއަން ރުފިޔާ
  4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން: 865،636 ރުފިޔާ
  5. އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް: 2.2 މިލިއަން ރުފިޔާ
  6. އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނެގުމަށް: 3.9 މިލިއަން ރުފިޔާ
  7. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހެދުން: 204،000 ރުފިޔާ
  8. މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް: 73،782ރ. ރުފިޔާ ހިމެނެ އެވެ.

ބަޖެޓަށް ބަދަލު އައިސްފައި ވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުން ނެވެ.