އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަންތައް ސީދާ ނޭނގުނު ނަމަ ވެސް ސިޔާސީ މަސްރަހުގެ އޮއިވަރު ހުރި ގޮތަށް ބަލައި އެ ނަންތައް އަންދާޒާކޮށްލުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. ލަފާ ކުރެވޭ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ފަސް ބޭފުޅަކު ވާދަ ކުރައްވާނެ އެވެ.
އެ ފަސްބޭފުޅުން ގެ ލިސްޓަށް ޝޯޓް ލިސްޓް ކުރެވިފައިވާ ހަ ނަމެއް މި ވަގުތަށް ބަލާއިރު ފެންނަން އެބަ އޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ބޭބޭފުޅުން މިހާތަނަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ބަލާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ މުހިންމު މައުލޫއަކަށް ވެގެން ދާނީ އިންޑިއާ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ވެރިކަން ނައިބު ރައީސާ ހަވާލުކުރައްވާފައި ކުރެއްވި އޮޕަރޭޝަނަށް ފަހު ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ރައީސް ސޯލިހު ރައްޔިތުންނަށް ހަނދާން ކޮށްދެއްވީ އިންޑިއާގެ ރަނގަޅުކަމުގެ ވާހަކަ އެވެ. އިންޑިއާގެ އެހީތެރިކަން ނުލިބުނުނަމަ ކޮވިޑުގެ ވަބާއިން އަރައި ނުގަނެވޭނެ ވާހަކަ އެވެ.
އާންމު ގޮތެއްގައި ބަސްފުޅު މަދު، ރައީސް ސޯލިހު އެމަނިކުފާނުގެ ކޮންމެ ރަސްމީ ބަޔާނެއްގައި ވެސް އިންޑިއާއަށް ތައުރީފުގެ ބަސްކޮޅެއް އޮއްސަވަ އެވެ. އިންޑިއާއަކީ އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން ފަރާތެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އިންޑިއާ ސަރުކާރަށް މަނާކަމެއް މިވަގުތަކު ނެތެވެ.
ލަފާ ކުރެވޭ ގޮތުގައި ރިޔާސީ އިންތިޚާބަށް ނިކުމެ ވަޑައިގަންނަވާ އިރު އެމަނިކުފާނު ބޭނުންފުޅު ކުރައްވާނެ އެންމެ މުހިންމު ވަސީލަތަކީ އިންޑިއާ އެވެ. އެމަނިކުފާނުގެ ކޮންމެ ވާހަކަފުޅަކުން ކޮންމެ އަމަލަކުން މިކަން އަންނަނީ ހާމަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ކުރިޔަށް އޮތް ރިޔާސީ ދައުރުގައި ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމަކީ އެއްގޮތުން ނުވިޔާ އަނެއް ގޮތުން ވެސް ރައީސް ނަޝީދު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއްކަން އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުންނާއި ކުރައްވަމުން ގެންދަވާ އަމަލުފުޅުތަކުން ދޭހަވެ އެވެ.
ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވައިގެން ބޮޑު ވަޒީރަކަށް ވެ ވަޑައިގެންނެވުން ނުވަތަ އެތެރޭގެ ޕްރައިމަރީއަކުން މިހާރުގެ ރައީސް ސޯލިހު ބަލި ކުރައްވާފައި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ އުންމީދު އެމަނިކުފާނު ގެންދަވަނީ ފާޅުކުރައްވަމުންނެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ފަހިކުރެއްވުމަށް ކުރައްވާ މަސައްކަތާއެކު އެކީގައި އެމަނިކުފާނު ގެންދަވަނީ އިންޑިއާގެ ރުހުން ހޯއްދެވުމަށް މަސައްކަތް ވެސް ކުރައްވަމުންނެވެ. އެގޮތުން ދިވެހިންނަށް އިންޑިއާ އާ ދެކޮޅަށް ވާހަކަދެއްކުން މަނާކުރާ ގާނޫނެއް ވުޖޫދު ކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ އިތުރުން ވެސް އިންޑިއާ އާ ދެކޮޅަށް ބަހެއް ބުނުމަކީ ދިވެހިން ކޮށްގެންވާނެ ކަމެއް ނޫން ކަމާއި އެފަދަ ވާހަކަދައްކާ ބަޔަކު ހައްޔަރުކޮށް އަދަބު ދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވަކާލާތު ކުރައްވަމުންނެވެ.
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީނަކީ ޕީޕީއެމް. އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ދެޕާޓީން އިއުލާންކޮށްފައިވާ ބޭފުޅާ އެވެ. އަމިއްލަފުޅު ގޮތުން އެމަނިކުފާނު އެކަމަށް ވަކި އެއްޗެއް ވިދާޅު ނުވެ ހުންނަވަނީ އެމަނިކުފާނަށް ވެރިކަމަށް ކުރިމަތި ލައްވަން އޮތް ހުރަސްތަކުގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
މަނީ ލޯންޑަރިން އާއި ޚިޔާނާތް ފަދަ ބޮޑެތި ދައުވާތަކުގެ ފައްޗެއް އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލައިފައިވާއިރު، އިންތިޚާބާ ކައިރިކޮށް ކްރިމިނަލް ކޯޓުން ކޮށްލާ އެންމެ ހުކުމަކުން ވެސް އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް މެދުވެރިވެދާނެ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ޖަލުން މިނިވަން ވެވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ ހުރިހާ ސިޔާސީ ހަރަކާތެއް އަމާޒު ކުރައްވަނީ އިންޑިއާ އާ ދެކޮޅަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން އެކި ގޮތްގޮތަށް ފައި ހަރު ކޮށްގެން ތިބޭ ތިބުމާ އެމަނިކުފާނު ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަވާ ކެމްޕޭންގައި، އެމަނިކުފާނުގެ ބާރު ހިނގާ ސަރުކާރެއް އުފެދިއްޖެ ނަމަ އިންޑިއާއާއެކު ވެފައިހުރި އެއްބަސްވުންތައް އުވާލައްވާނެކަމުގެ އިންޒާރު ވެސް ވަނީ ދެއްވައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެދުނީއްސުރެ ގާސިމަކީ ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓެވެ. ޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްގައި ގާސިމްގެ ހިއްސާއެއް އޮތެވެ. ކޮންމެ ވެރިކަމެއް ނިމިގެން ދަނީ އެމަނިކުފާނާ މައްސަލަތަކެއް ޖެހިގެންނެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ނުހަނު ބޮޑަށް ސަނާ ވިދާޅުވަމުން ގެނަދަވާ ގާސިމަކީ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާ ލީޑަރެކެވެ.
އެ މަނިކުފާނު އެންމެ ފަހުން މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ރާޢްޖޭގެ ސިފައިން ވެސް އިންޑިއާގައި ތިބޭ ކަމަށް ވިދާޅުވެ، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ތިބުން ދިފާއުކުރެއްވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އުމަރު ނަސީރަކީ ވެސް ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފު ވީއްސުރެ ރައީސްކަން ހޯއްދެވުމުގެ އުންމީދުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެކަމުގައި ވިދާޅުވަމުން ގެންދަވާ އުމަރަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ޕާޓީއެއް ނުވަތަ މާބޮޑު ޓީމެއް ފަހަތުގައި ނެތް ނަމަވެސް އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ އުމަރު ވިދާޅުވާ ގޮތުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ މާފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ އެވެ.
އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް
އެމްއެންޕީ އުފެދުނީ ގައުމުގެ ވެރިކަން ހޯދުމަށް ކަމަށާއި ބޮޑެތި ޕާޓީތަކާ ވާދަކުރާނެ ކަމަށް ބުނި ކަމަށް ވިޔަސް އެ ޕާޓިން މިހާތަނަށް ވާދަކުރި އިންތިޚާބުން އެއްވެސް ކާމިޔާބެއް ލިބޭ ގޮތް އޮތީ ނުވެފަ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ޕާޓީ ވަރުގަދަކޮށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކަށްވުން އެންމެ ގާތީ އެ ޕާޓީގެ ލީޑަރު ނާޒިމެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވެސް އެއްކޮޅަށް ވެސް މާބޮޑު ވާހަކައެއް ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ ވާހަފުޅުތައް މިހާތަނަށް ބިނާ ކުރައްވާފައި ވަނީ އިންޑިއާގެ ރުހުން ހޯއްދެވުމުގެ މިސްރާބަށެވެ. އެގޮތުން ކައިރި ގައުމުތަކާ މައްސަލަ ޖެހޭ ފަދަ އަމަލުތަކާ ދެކޮޅުކަމަށް އެމަނިކުފާނު ވަނީ ވާހަކަދައްކަވާފަ އެވެ.
ފަސްމަންޒަރު
ރާއްޖޭގެ ރިޔާސީ އިންތިޚާބު ކައިރިވެގެން އަންނައިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ހުރިހާ މެންބަރުން ވެސް ގެންދަނީ ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ބަހުސުގެ ތެރެއަށް ވަންނަމުންނެވެ. އެއްބަޔަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އަޅުވެތިވުމެވެ. އަނެއް ބަޔަކަށް އެއީ ޒަރޫރީކަމެކެވެ.
އެ ސިފައިންނާ ނުލައި ފިޔާ، އަލުވިކޮޅެއް ވެސް ނުލިބޭނެ ކަމަށް ބުނާ ބަޔަކު ވެސް އެބަ ތިއްބެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ނާރެހަކަށް ވާނީ އިންޑިއާ ކަމީ ޔަގީނާ ގާތަށް އެނގޭ ކަމެކެވެ.