ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިން ހިންގާ "އިންޑިއާ އައުޓް" އައުޓް ކެމްޕެއިނާ ދެކޮޅަށް އެމްޑީޕީއިން ހިންގާ "ބާކީ ނުވޭ" ކެމްޕެއިން ނުފެށެނީސް ކަފުންވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ހަރަކާތުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ގައުމު މިވަގުތު ފުރިހަމަ ސަމާލުކަން ދީގެން ކުރާ މަސައްކަތަކީ "އިންޑިއާ އައުޓް" ހަރަކާތް ކަމަށާއި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ވޭނާއެކު އިންޑިއާއަށް މިއަދު ފެންނާނެ މަންޒަރަކީ ރާއްޖޭގައި އެ ގައުމުގެ ސިޔާސަތަށް ތާއީދު ނެތް މަންޒަރު ކަމަށެވެ.

އިންޑިއާ އަށް ތާއީދުކޮށް، އަދި އިންޑިއާ އިން ރާއްޖެއަށް އެކިއެކި އެހީތައް ވުމަކީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވެން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ޓުވީޓް ކުރަމުންނެވެ. އަދި މި ޓުވީޓްތަކުގައި "ބާކީނުވޭ" ހޭޝްޓެގު ދަނީ ބޭނުން ކުރަމުންނެވެ. އަދި އެ ފަރާތްތަކުން ބުނަމުން އަންނަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދިން ކަމަށާއި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިވެހިން ބަރޯސާ ވަނީ އެ ގައުމަށް ކަމަށެވެ. އެހެންކަމުން އިންޑިއާއަށްޓަކައި ޝުކުރުވެރިވާ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ދިފާއުގައި ކެމްޕެއިނެއް ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ވެފައިވަނިކޮށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފަ އެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފަ އެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.