އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް 56 ޕަސެންޓުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ޖެއްސެވުނު ހިސާބު ގޯސް ވެއްޖެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެއްބަސްވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުރުން، ރައީސް ސޯލިހު ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އިންތިހާބު ފައްޓަވަނީ ވެސް 130،000 ވޯޓާއެކު ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބަލިކުރާނީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި 46 އިންސައްތައާއެކު ކުރީގައި އުޅެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒެވެ. އަދި ރައީސް ސޯލިހަށް ލިބުނީ 39 އިންސައްތަ އެވެ.

މި ނަތީޖާއާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެހުނު ހިސާބު ގޯސް ކަމަށާއި ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމަށެވެ. އަދި ކެމްޕޭން ރުކުރުވާލާ، ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ދެވަނަބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

އެއްބުރުން ސަރުކާރަށް އިންތިހާބު ކާމިޔާބުވެދާނެ ކަމަށް ދެކިގެން ވޯޓުލާން ނުނުކުމެ ތިބި މީހުން އަނިޔާވެރިކަން އިޔާދަވެދާނެ ކަމަށް ދެކިގެން ދެވަނަ ބުރުގައި ނުކުމެ ސަރުކާރާ އެއްކޮޅަށް ވޯޓުދޭނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.