ޕީއެންއެފް އުފެއްދީ ބައްޕާފުޅު، ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީގޮތުން އަނިޔާ ދެމުން ގެންދާތީ ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަދި ޕީއެންއެފްގެ މުއައްސިސް ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޒެއިން މިފަދައިން ވިދާޅުވީ މިއަދު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޒެއިން ވިދާޅުވީ ޕީއެންއެފްއަކީ އޭނާ އުފައްދާ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީ އުފައްދަނީ އޭނާގެ މައިންބަފައިންގެ ހައްގުގައި ކަމަށް ވެސް ޒެއިން ވިދާޅުވި އެވެ.

"ސަމާލުކަމަށް ދަންނަވާލަން، ޕާޓީ އުފެއްދީ އަޅުގަނޑު. އެކަން ކުރީ މައިންބަފައިންގެ ހައްގުގައި. ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފުވެއްޖެ ކަމަށް އުންމީދު ކުރަން،" ޒެއިން ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކޮށްފައިވާތީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފަ އެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީން (މ) ބައްޕާފުޅާއި މަންމާފުޅާއެކު ފޮޓޯއެއް ނަންގަވަނީ. ފޮޓޯ: ޕީޕީއެމް

ޕީއެންއެފްއަކީ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރުގައި އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެކަމަކު، ހުކުމް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.