ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންނުދާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ހުރި ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
އާދަމް ޝަރީފްގެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ވެފައިނުވާ ކަމަށެވެ. އަދި މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ރިކޮމެންޑޭޝަންތަކަށް އިޖާބަ ސަރުކާރުން ނުދެނީ ރައީސް ނަޝީދު ބޭރުގައި ބެހެއްޓެވުމަކީ މިސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަދި ރައީސް ނަޝީދަށް މަޖިލީހުގެ ޒިންމާ އަދާކުރުމުގެ ފުރުސަތު ސަރުކާރުން ދެއްވަން ޖެހޭ ކަމަށް ވެސް ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ނަޝީދު އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު އާއިލާއިން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުގައި ހުރި ރެކޮމެންޑޭޝަންސްއަށް އަމަލުކުރުމަށް ރޭވިފައިވާ ގޮތް އެނގުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
"އިންކުއަރީގެ ރިކޮމެންޑޭޝަންސްއަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުނީމަ ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެކަމެއް ނޫން. ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން މިޖެހުނީ،" ހަސަން ވިދާޅުވި އެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކަންކަމުގައި ދެކޭގޮތާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ހަމަލާއަށް ފަހު ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާކަން ފާޅުގައި ވިދާޅުވަމުންނެވެ. އަދި އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިސަރުކާރުން އެކަމަށް އެދެވޭ ފިޔަވަޅު އަޅަމުން އަންނަ ތަނެއް ނުފެނެ އެވެ.