އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާފަސްތި ދުވަހު ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މަހުމޫދުގެ މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާކަން ހާމަކުރުމަށް ފުލުހުން ކުރި ޓުވީޓްގައި ބުނެފައި ވަނީ މަހުމޫދު މަރުގެ މައްސަލާގައި ދަނގެތީގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ވަނީ މިމަރާއި ގުޅޭ މައުލޫލާތުތައް ތަހުގީގު ކުރިއަށް ދާވަރަކުން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

މަހުމޫދުގެ މަރާލި މައްސަލަ ތަހުގީގު ކުރުމަށް ދަނގެތީގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ވަނީ އެރަށުގައި ހުންނަ ގެއަކަށް ވަދެ ބަލާ ފާސްކޮށްފަ އެވެ. މިއަދު ހައްޔަރު ކުރި ބިދޭސީ މީހާ ހައްޔަރު ކޮށްފައިވަނީ އެގެއިންނެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ސާމާނުތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި މަހުމޫދު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހު މެންދުރު 2:30 ހާއިރު އެވެ.

ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް މަހްމޫދުގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް ބެލުންތަކެއް ބެލުމަށްފަހު އިއްޔެ އަނބުރާ އެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފައިވެ އެވެ. އަދި އިއްޔެ އަސުރު ނަމާދަށްފަހު އެރަށުގައި އޭނާގެ ޖަނާޒާ ބާއްވާފައިވެ އެވެ.