މިހާރުގެ ކޯލިޝަން އުވާލުމަށް ފަހު އާ ކޯލިޝަނެއް އެމްޑީޕީ އަށް ބޭނުންވާ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އަދި އެ މަނިކުފާނު ދެކޭގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވި އެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް." ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ފުޅުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ސިޔާސީ ޚިޔާލުތަފާތު ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް އިދިކޮޅު ޕީޕީއެމްގެ މަޖިލިސް މެންބަރުންވަނީ ސަރުކާރުން ނަފުރަތުގެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު އެ ބިލާ ދެކޮޅުހައްދަވައި އެ ބިލަކީ ސެކިއުލަރިޒަމަށް މަގުފަހިކުރާ ބިލެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިސަރުކާރާއި އެމްޑީޕީ އާއި އިންޑިއާ އޮންނަ ގުޅުމާމެދު އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަނުކުރާތީ އެކަމާވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުނެވެ. މީގެ އިތުރުން އިންޑިއާ އެންބަސީއިން ރާއްޖޭގެ ކަންކަމަށް ބަސް ބުނާތީ ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރެ އެވެ.