ޕީޕީއެމްއާ ގުޅުގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ހިޔާލުތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ތާއީދުކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތް ކަމަށާއި އިދިކޮޅު ޕީޕީއެމްއާއި ކުރީގެ ރައީސް ޔާމީންގެ އެހީ ހޯދަވަން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ފުޅުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ދެއްކި ވާހަކަތަކަށް ތާއިދު ކުރުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާޝަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގައި އުސޫލުތަކަކާއި އުއްމީދުތަކެއްވާ ކަމަށެވެ. އަދި ބޭނުން ވަނީ ކާބަފައިން އުޅުނު ރިވެތި އިސްލާމްދީނުގައި ތިބެން ކަމަށް ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްޑީޕީއާއި، ޕީޕީއެމްގައިވެސް ކޮރަޕްޝަނާއި، ހަރުކަށި ފިކުރު ގަބޫލުނުކުރާ އެތައް ބަޔަކު އެބަ ތިބިކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން އެމްޑީޕީ ތެރޭގައި ދެބައިވެފައިވާ މިންވަރު ހާމަވެގެންދެ އެވެ. އަދި ރައީސް ނަޝީދު ސިޔާސީ ގޮތުން ހިޔާލު ތާފުވި ކަމަށް އިއުލާނު ކުރެއްވި ނަމަވެސް ރައީސް ސޯލިހު މިކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކުރައްވާފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް މިނިސްޓަރުންނާއި ބައެއް މަޖިލިސް މެމްބަރުން އަންނަނީ ނުސީދާ ގޮތެއްގައި ރައީސް ނަޝީދުއަށް ފާޑުވިދާޅުވަމުންނެވެ.

ޕީޕީއެމްއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ޕީޕީއެމުން ބުނެފައި ވަނީ މުޅިން ތަފާތު ދެ ފިކުރަކަށް ވާތީ ރައީސް ނަޝީދާއެކު މަސައްކަތްކުރެވެން ނެތް ކަމަށެވެ. ތެލާއި ފެނާ އެއްނުވާނޭހެން ރައީސް ނަޝީދުގެ ފިކުރާއި ރައީސް ޔާމީންގެ ފިކުރު ވެސް އެއްނުވާނެ ކަމަށް ޕީޕީއެމް ކޯލިޝަނުން ވަނީ ބުނެފަ އެވެ.