ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައި ވަނީ ހަރާމް ހުކުމެއް ކަމަށް ބުނެ ކުރިން އަޑު އުފުލި ޕީޕީއެމްގެ އިސްވެރިން މިހާރު ރައީސް ޔާމީން މިނިވަންކުރަން އަޑު ނުއުފުލަނީ ކީއްވެގެންތޯ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޕީޕީއެމް ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ ޝަރީއަތަށް ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ މިނިސްޓަރު ޝިޔާމް ގެންދަނީ ކަނޑައެޅި ބޮޑެތި ދޮގުތަކެއް ހަދަމުން ކަމަށެވެ. އަދި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ޑރ. ޖަމީލް ވަނީ ޝިޔާމަށް ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.

"ދޮގުތައް ތިހަދަނީ އެދުވަހޭ ކިޔައިގެން. މިއަދު ރ. ޔާމީނުގެ ޙައްގުތައް ކޮބާ؟ މިއަދު އިސްތިއުނާފު ލަސްވެގެން އަޑު ނުއުފުލަނީ ކީއްވެ؟ މިއަދު ބައްދަލުވުމަކަށް ވަޑައިގަންނަވަން ހުއްދަ ނުދެއްވަނީ ކީއްވެ؟ ސަރުކާރު ހޯދީ ހުސްގޮނޑި ދައްކައިގެން ނޫންތޯ؟ އެދުވަހު ދެއްކީ އެހެން ވާހަކަތަކެއް ނޫންތޯ؟" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ވިދާޅުވީ ޝިޔާމަކީ މިހާރު ވަޒީރެއް ކަމަށާއި ކުރީ ސަރުކާރުން ދިން ލުޔެއް ފިޔަވައި އިތުރު ލުޔެއް އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.

"މިއަދު ތިޔައީ ވަޒީރެއް، ރ.ޔ އަށް އިބޫ ސަރުކާރުން ދިން ލުޔެއްގެ އިތުރުން އެއްވެސް ލުޔެއް ނުދެވިގެން އުޅެނީ ކީއްވެ؟ ޙަރާން ޙުކުމޭ ކިޔަން މިއަދު ނުކެރިގެން ތިއުޅެނީ ކީއްވެ؟ މަސްވެރިންގެ ވާހަކަ ދައްކާގޮތަށް ގާނޫނީ މަސައްކަތުގެ ވާހަކަ ނުދައްކަވާ! ބުއްދި ގަބޫލްކުރާ ޒާތުގެ ވާހަކަ ދައްކަވާ!" ޑރ. ޖަމީލް ވިދާޅުވި އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.

އެ ހުކުމާ ގުޅިގެން ޑިސެމްބަރު 30، 2022ގައި ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންފަދަ ގޮތަކަށް ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"އެ މަންޒަރު މާ ރީއްޗަށް ފެންނަ ކަމާއި ރައީސް ޔާމީނަށް އޮތް ތާއީދު އިންޑިއާއަށް އެނގޭ. އެހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދޭންވެގެން ޖަލަށް ލާފައި އެ އޮތީ. ދިވެހި ރައްޔިތުން ބުނަނީ އެމަނިކުފާނުގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކޮށްފައި ވަނީ ހަރާން ހުކުމެއް ކަމަށާއި އެކަމަށް މައާފެއް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް ޔާމީން މިނިވަންވެގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި އެވެ.

ޕީޕީއެމްގެ އިސްވެރިން އޭރު ވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްވެގެން ޝަކުވާކުރަން ކޯޓުތަކަށާއި ދައުލަތުގެ އިދާރާތަކަށް ވެސް ގޮސްފަ އެވެ. ނަމަވެސް ވެރިކަން ލިބުނު ފަހުން އެއިން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.